ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޓާންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މިއަދު ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

ސީއީއޯ ވަޖީޙް ވިދާޅުވީ ޕޯޓުގެ ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުމަށް އެމްޕީއެލް އިން ބޭނުންވާ ކަމަށާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމްޕީއެލް ދެމިއޮންނާނެ ކަމަށެވެ.

"މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މި ކުންފުނީގެ ދާއިމީ ވާޒީފާތަކުން ވެސް ފުރުސަތު ހޯދޭނެ. އަދި، ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން (ކުންފުނީގެ ހަރަދުގައި) މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ވެސް ލިބޭނެ. ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،" ވަޖީޙް ވިދާޅުވި އެވެ.

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން

މި ޕްރޮގްރާމްގައި ޖުމްލަ 13 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ތަފާތު ދާއިރާތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް، ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ، ކާޕެންޓްރީ، ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން، އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް، ގްރެފިކް ޑިޒައިނިން، ކޮޕީ ރައިޓިން، ސިވިލް އިންޖިނިއަރިން/ ސާވޭއިން އަދި އާކިޓެކްޗަރަލް ޑްރާފްޓިން އެވެ.