މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް މިއަދު ފަށައިފި އެވެ.

މޯލްޑިވިއަންއިން ބުނީ ފުޅަދޫއަށް ހަފްތާއަކު ދެ ދުވަހު ސީޕްލޭން ދަތުރުތައް ތާވަލުކޮށްފައިވާ ކަމަށެވެ. އެއީ އާދިއްތަ އަދި ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ މި ދަތުރުތަކަކީ ބ. އަތޮޅުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރުތަކެއް ކަމަށެވެ.

ފުޅަދޫއަށް ކުރާ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު ފްލައިޓް އިތުރުކުރުމަށް ވެސް އައިއޭއެސް އިން ވަނީ ނިންމައިފަ އެވެ.

އިޔާސް ވިދާޅުވީ އައިއޭއެސްގެ މި އިސްނެގުމަކީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ހިތްވަރުދިނުމަށް އެ ކުންފުނިން ކުރާ ހިދުމަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ސީޕްލޭންގައި ދަތުރުކުރާ ފަރާތްތަކަށް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވިގެންދާނެ ކަމަށް ވެސް އިޔާސް ވިދާޅުވި އެވެ.

ބ. ފުޅަދޫއަށް ފަށާފައިވާ މި ދަތުރުތަކާ އެކު ބ. އަތޮޅު ފެހެންދޫ އަދި ގޮއިދޫއަށް ވެސް ދަތުރުކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ދެކެ އެވެ.