ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިމާރާތްކުރުމުގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ހޮޓެލް ޖެންގައި ބޭއްވި ބިލްޑާ އެވޯޑްސް ހަފުލާގައި ރައީސް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި އެއް ނިންމެވުމަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުން ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަށް ބަހާލެވިގެން، އެ ދާއިރާތައް ކަނޑައަޅަން ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ތިން ދާއިރާއަކީ ބިލްޑިންގ އިންސްޕެކްޓަރުންގެ ދާއިރާއާއި، ސައިޓް ސުޕަވައިޒަރުންގެ ދާއިރާއާއި، ސާރވޭޔަރުންގެ ދާއިރާ އެވެ.

"މި ތިން ދާއިރާއަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނުގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ވެގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިނިއަރުންނާއި އާކިޓެކްޓުން ފަދަ ވަޒީފާތަކަކީ ވެސް ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް ވާނެ ކަމަށެވެ. މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ދިވެހިންގެ އަތްމައްޗަށް ހުރިހާ ކަމެއް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭރު ފަރާތްތަކުން އައިސް ހުރިހާ ކަމެއް އަތްމައްޗަށް ނަގައި ކަންކަން ހާސިލްކޮށްލަން ދޫކޮށްލީމަ އެއެއް ނޫން އަޅުގަނޑުމެންގެ ގައުމިއްޔަތު ސަލާމަތް ކުރުމަކީ." ރައީސް ވިދާޅުވިއެވެ.