އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް "ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރު އަހްމަދު އިބްރާހީމް (ޕޮކަންޑި) ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އާބަންކޯގެ ސީއޯއޯއަކަށް އަހްމަދު އައްޔަން ކުރުމަށް ނިންމީ އެ ކުންފުނީގެ ބޯޑުންނެވެ. އެ މަގާމަށް އައްޔަން ކުރެއްވި ފަހުން އަހުމަދު އެންމެ ފުރަތަމަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދެއްވާނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އާބަންކޯގައި ހިންގި ޖަރީމާތައް ބެލުމަށް ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި ފަސް އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ،" އަހުމަދުގެ ޕޯސްޓުގައިވެ އެވެ.

އެ ޕޯސްޓުގައި އަހުމަދު ވިދާޅުވި ގޮތުގައި، ކުރީޣެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުމުގެ ކުރިން ހުޅުމާލޭގެ ބިންތައް ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހާލުމަކީ ބޮޑު ޖަރީމާއެކެވެ.

ޝަރުއީ ދާއިރާއިން ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި އަހުމަދު މީީގެ ކުރިން ވަޒީފާ އަދާ ކުރެއްވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އޮފިސަރަކަށެވެ. އޭނާ ވަނީ 10 އަހަރު ވަންދެން ކޯޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ކޯޓު އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 2021 ގައި އޭނާ ވަޒީފާއިން ވަކިކުރީ ރައީސް ސޯލިހްގެ ސަރުކާރާ ދެކޮޅަށް ފާޑު ވިދާޅުވެ، ޓުވީޓް ކުރަން ފެށުމުންނެވެ. އެކަމަކު، އަހުމަދު ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓާ އެތައް ފަހަރަކު ހިލާފުވެގެން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވެ އެވެ.

ޑީޖޭއޭ އިން އަހުމަދަށް ކުރި ސީރިއަސް ތުހުމަތުގެ ތެރޭގައި ނޮވެމްބަރު 27، 2017 ގައި ދައުލަތުން ހުށަހެޅި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ފޯމު ސިސްޓަމަށް އެންޓަކޮށްފައިވަނިކޮށް ކޯޓުން މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޯޓުގެ ލިޔެކިޔުންތަކުގެ މައުލޫމާތު ހަގީގަތާ ހިލާފަށް ބަދަލުކޮށް، މައްސަލަ ގެއްލުވާލުން ހިމެނެ އެވެ. އެ މައްސަލަތައް އޭރުގައި ޑީޖޭއޭ އިން ބެލި އެވެ. އޭގެ ފަހުން، ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑު ޑިސްކެއް، އޭގައި ހުރި މުހިއްމު މައުލޫމާތު ފަސޭހައިން އަނބުރާ ނުލިބޭ ވަރަށް ގަސްތުގައި ހަލާކުކޮށްލުމުގެ ތުހުމަތު ވެސް ކުރި އެވެ.

ހުޅުމާލެ ކޯޓުން އޭނާ ވަކި ކުރި ފަހުން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކްސްގައި ވަރަށް ގިނަ ބަޔަކަށް ފުރައްސާރަކޮށް، އެކިއެކި ތުހުމަތުތައް ކުރައްވާފައިވެ އެވެ. އޭނާގެ ދިޔަރެސް ނޫހަކީ ވެސް އޭރުގެ ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް ހަބަރުތަކާއި ރިޕޯޓުތައް ގެނެސް ދިން ނޫހެވެ.

އޭރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އެކިއެކި ލިޔުންތައް ގެނެސްދިނުމަށް ފަހުގައި ކުއްލިއަކަށް ވެރިކަން ބަދަލުވުމާ އެކުގައި މިހާރު ދިޔަރެސް އިން "ސަނާ" ކިޔަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.