ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިފަހަރު ވިއްކަނީ 2.9 ބިލިއަން ރުފިޔާގެ ޓީ ބިލް ކަމަށެވެ. އެއީ 27 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަސް 1.8 ބިލިއަން ރުފިޔާގެ ޓީބިލަކާއި 103 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 181 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީބިލަކާއި 363 ދުވަހުން އަނބުރާ ދެއްކުމަށް 829.9 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.