ފިހާރަތަކުން ބިސް ލިބުން ދަތިވެ، ބިހުގެ އަގު އިންތިހާއަށް އުފުލިއްޖެ އެވެ.

ވިޔަފާރިވެރިން ބުނީ ބިހުގެ އަގު އުފުލުނީ ބިހުގެ ޑިމާންޑު އުފުލުނު ވަރަށް ސަޕްލައި ނުކުރެވިގެން ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން 300 ރުފިޔާއަށް ވިއްކި ބިސްކޭހެއް މިހާރު ބާޒާރުގައި ވިއްކަމުން ދަނީ 950 ރުފިޔާ އަށެވެ. ވަކިން ބިހެއް ލިބެނީ 3 ރުފިޔާއަށެވެ.

ބާޒާރުގައި ބިސް އަގު ބޮޑުވެފައިވާއިރު ބައެއް ފިހާރަތަކުން ބިސް ވިއްކަނީ ކޮންޓްރޯލު ކޮށްގެންނެވެ.

ބިހުގެ އަގު ބޮޑުވެފައި ވަނީ ބިސް ޝިޕްމެންޓެއް ލަސްވެގެން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ބިސް ލިބި، އަގު ހެޔޮވާނެ ދުވަހެއް ސީދާ ބުނަން ނޭނގޭ ކަމަށް އެމީހުން ބުނެ އެވެ.

މީގެ ކުރިން ވަނީ ފިޔާގެ އަގުވެސް އިންތިހާއަށް ބޮޑު ވެގެން ގޮސްފަ އެވެ. ފިޔާ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ފިޔާ ގެނެސް އަގު ހެޔޮކޮށް ވިއްކުމަށް ބާޒާރަށް ނެރެފަ އެވެ.

މި ރޯދަ މަހު އެއްވެސް ދަތިކަމެއް ނެތި ބިސް، ފިޔާ އަދި އަލުވި ލިބޭނެ ކަމަށް އެސްޓީއޯ އިން ކުރިން ވަނީ ބުނެފަ އެވެ.