ދިރާގުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު 'އިންޓު ދަ ފިއުޗާ' ލޯންޗުކޮށްފި އެވެ.

ހާއްސަ ހަފްލާއެއްގައި ދިރާގުގެ އާ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. މި އިވެންޓްގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން އަދި އެހެނިހެން ހާއްސަ މެހެމާނުންވެސް ވަނީ ބައިވެރިވެފަ އެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާ އިރު، މި ލޯންޗުކުރި 2024ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައި ދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވަރެވެ. އެގޮތުން ކުރިއަރަމުން މިދާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ، ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވާ، ގައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިއެއް ކަމަށެވެ. އަދި ދިރާގަކީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެފަރާތްތައް މިދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ދިރާގަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާ ކުރާ ކުންފުންޏެއް ކަމަށާއި މިއަހަރުގެ 'އިންޓު ދަ ފިއުޗާ' ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއްކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލް ރާއްޖެ' އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަލީ ވިދާޅުވީ މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު 'އިންސްޕަޔާ' ވެގެން ދާނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ހިމެނިގެންދާނެ އެވެ. އެގޮތުން ކަލަންޑަރުގައި ވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް ގޭމް ކުޅުމަށްފަހު އެފަރާތެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓަރގައި #DhiraaguCalendarGames މި ހޭޝްޓެގާއެކު ޕޯސްޓުކުރެވޭނެ އެވެ. މި ޕޯސްޓްކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ހާއްސަ ގުރުވަތެއް ބާއްވާ، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ލިބިގެންދާނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށެވެ.