އެގާރަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސް، އަލުން ބޯޑުތައް އެކުލަވާލައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ބުނީ ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ބޭފުޅުން ވަކިކޮށް އެމަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްޕީއެލްގެ ބޯޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެމްޕީއެލްގެ ބޯޑުގައި ތިއްބެވި އިބްރާހިމް އަބްދުﷲ، އާޔަތުﷲ ހުސެއިން، ޖާދުﷲ ނާޒިމް، އިބްރާހިމް އާރިފްގެ އިތުރުން އަހުމަދު ލައިޝަމް ވަނީ ބޯޑު މެމްބަރުކަމުން ވަކިކޮށްފަ އެވެ. އެ ބޭފުޅުންގެ ބަދަލުގައި އެމްޕީއެލްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މއ. ފެސިނޭޝަން އަހުމަދު އިލްޔާސް އާއި ޅ. ކުރެންދޫ ސޯސަންގެ، އަހްމަދު ނިޔާޒް އާއި ގދ. ގައްދޫ މިރުސްމާގެ އަހްމަދު ފަހީމެވެ.

ޕީސީބީން ބުނީ އެމްއައިޓީޑީސީ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބެވި ފާތިމަތު އާސިޔާ އާއި މޫސާ މުސްތަފާގެ ބަދަލުގައި އެ ބޯޑަށް މއ. ދަނބުގަސްދޮށުގެ މުހައްމަދު ޖަލީލާއި ގއ. ވިލިނގިލި ބޯގަންވިލާ އަހުމަދު އަމީން އައްޔަން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫސް ވަކިކޮށް އެ ކުންފުނީގެ ބޯޑަށް މ. ވެލާލުގެ، ސަހަރު ވަހީދު ވަނީ އައްޔަންކޮށްފަ އެވެ.

ސްޓެލްކޯގެ ބޯޑުގައި ހުންނެވި މޭޖާ (ރޓ) ތޮލްހަތު ހަސަން އާއި ބޯޑުން މީގެކުރިން އިސްތިއުފާ ދެއްވާފައިވާ އަހުމަދު ލަތީފްގެ ބަދަލުގައި އެ ކުންފުނީގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ތ. ތިމަރަފުށީ ބޮޑުގެ، މުހައްމަދު އާމިރު އާއި ނ. މާފަރު، ފަސްމީރު އަހްމަދު ހާޝިމެވެ.

ފެނަކަ ކޯޕަރޭޝަންގެ ބޯޑުގައި ހުންނެވި އަހުމަދު އުލްވާންގެ ބަދަލުގައި ބޯޑު ޑިރެކްޓަރަކަށް ހ. އިރުދޮށުގެ އަހްމަދު އީހާބް ވަނީ އައްޔަންކޮށްފަ އެވެ.

އާސަންދަ ކުންފުނީގެ ބޯޑުގައި ތިއްބެވި އިބްރާހިމް ރަޝީދާއި އަބްދުﷲ ރަޝީދުގެ އިތުރުން އަހުމަދު ސޮބާހު ވަކިކޮށް، ބޯޑު ޑިރެކްޓަރުންނަށް އައްޔަނުކޮށްފައިވަނީ ކ. ގުރައިދޫ ސީބްރީޒް އާއިޝަތު ޖީނާ އާއި އއ. ރަސްދޫ، އަހުމަދު ޝާކިރެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުގައި ތިއްބެވި މުހައްމަދު އާޒިމާއި އަހުމަދު މުސާއިދުގެ ބަދަލުގައި އެ ކުންފުނީގެ ބޯޑަށް ސ. ހިތަދޫ މަހުލަބުގެ މަރްޔަމް ޒޫނާ އާއި މއ. މަޑުވިލާ އުތުރުބައި މުހައްމަދު އިމްތިޝާލް ވަނީ އައްޔަނުކޮށްފަ އެވެ.

އެމްޓީޑީސީގެ ބޯޑުގައި ހުންނެވި މުހައްމަދު ޖަނާހުގެ ބަދަލުގައި އައްޔަނުކޮށްފައިވަނީ ހއ. ވަށަފަރު، ބޮޑުގެ، ހުސެއިން ހަނީފެވެ.

އެމްޑަބްލިޔުއެސްސީގެ ބޯޑުން އިބްރާހިމް އަންވަރު ވަކިކޮށް، ބޯޑު ޑިރެކްޓަރު ކަމަށް ހ. ރުކުމާގެ އާއިޝަތު ރޫހީ އައްޔަނުކުރުމުގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ ބޯޑު ޑިރެކްޓަރަކަށް މުހައްމަދު ޝަފީގު ވަނީ ހަމަޖައްސައިފަ އެވެ.

އެމްޓީސީސީގެ ބޯޑަށް ހ. ފަށަން، އަލީ ނާއިލް އައްޔަންކޮށްފައިވާ ކަމަށް ޕީސީބީއިން ބުނެ އެވެ.