ރަށްރަށުގެ ގެސްޓްހައުސްތައް އަންނަ މަހު 15ން ފެށިގެން އަލުން ހުޅުވަން ނިންމާފައިވާއިރު، ގިނަ އަދަދެއްގެ ބުކިން މިހާރު ވެސް ގެސްޓްހައުސްތަކަށް ލިބެން ފަށާފައިވާ ކަމަށް ކ. މާފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާފުށީ ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަ ދައްކަވަމުން ރައީސް އުސްމާން ރަޝީދު ވިދާޅުވީ ގެސްޓްހައުސްތައް އަލުން ހުޅުވާއިރު އޮކިއުޕަންސީ ރޭޓް 70 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރަނީ ރިސޯޓުތަކުގެ އޮކިއުޕަންސީއަށް ވުރެ މި ރަށުގެ އޮކިއުޕަންސީ ރަނގަޅުވާނެ ކަމަށް. މިހާރު ވެސް ގެސްޓް ހައުސްތަކަށް ގިނަ އަދަދެއްގެ ބުކިން ލިބެމުން އަންނަނީ،" 34 ގެސްޓް ހައުސް ހުންނަ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 600 އަށް ވުރެ ގިނަ އެނދު ހުންނަ ރަށް އަލުން ހުޅުވާލުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް ކުރިޔަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އުސްމާނު ވިދާޅުވި އެވެ.

"މި ފްލޫ ކްލިނިކުން ހަމައެކަނި ސާމްޕަލް ނާގާނީ. އޭގެ އިތުރުން އަޅުގަނޑުމެންނަށް މިހާރު ކަރަންޓީން ފެސިލީޓިއެއް ވެސް މިރަށުން ލިބިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ. "އަލުން ހުޅުވާއިރު މަދުވަނީ ހަމައެކަނި ފްލޫ ކްލިނިކް. އެހެން ހުރިހާ ކަމެއް ހުރީ ތައްޔާރަށް."

އުސްމާނު ވިދާޅުވީ ގެސްޓުންނަށް މާފުށި އަލުން ހުޅުވާލުން ކުލަގަދަކޮށް ފާހަގަކުރަން ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދުނިޔޭގެ އެކިކަންކޮޅުތަކަށް އަންގަން މާފުށި އަލުން ހުޅުވާލިކަން. ގެސްޓުންނަށް މަރުހަބާ ކިއުމުގެ ކަންތައް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އުސްމާނު ވިދާޅުވީ ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ކުރިން މާރާމާތުކުރުމާއި ރަށުތެރެ ސާފުކުރުމާއި ބަނދަރު ސަރަހައްދަށް ވެލިލުމަށް ނިންމާފައިވާ ކަމަށެވެ.

"ހުޅުވުން ކައިރިވީމަ ރަށު ތެރެ ސާފުކުރަނީ ފަށާނީ. މީގެ އިތުރުން ރަށުގެ އަތިރި މައްޗާއި ބަނދަރު ސަރަހައްދު ވެލިލުން ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އުސްމާނު ވިދާޅުވީ ގެސްޓް ހައުސްތައް މާޗް މަހުން ފެށިގެން ބަންދުކުރުމާ ގުޅިގެން ރަށުން ބޭރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ފުރައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެސްޓް ހައުސްތައް އަލުން ހުޅުވުމުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުއްދަ ލިބިފައިވާ 34 ގެސްޓް ހައުސްއެއް އެ ރަށުގައި ހުރެ އެވެ. އަދި އަލުން ޓޫރިޒަމަށް ހުޅުވާލާއިރު އެ އަަދަދު 40 އަށް އިތުރުވާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. އެއާއެކު އެ ރަށުގެ ބެޑް ކެޕޭސިޓީ 800 އަށްވުރެ އިތުރުވާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.