މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، މިފްކޯ ބޯޑުގައި ބައިވެރިވާން ޝައުގުވެރިވާ މަސްވެރިންނަށް އެފުރުސަތު އަންނަ މަހުގެ 11 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލައި އައްޔަންކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި މަސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން ހިމެނެ އެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި އެފަދަ ހުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން ހިމެނެ އެވެ.

މިނިސްޓްރީން ބުނީ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅާއިރު ކުރިމަތިލާ ފަރާތަކީ މިވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވަންޖެހެނީ [email protected] އަށެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، %100 ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ދާދިފަހުން ވަނީ ބަދަލުކޮށްފަ އެވެ.