އާ އަހަރާ ގުޅުވައިގެން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްތައް ޕާކުރާނެ ޖާގަ އިތުރުކޮށްފި އެވެ.

ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން ބުނީ އާ އަހަރާ ދިމާކޮށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓުގައި 68 ޖެޓް ޕާކް ކުރެވޭނެ ޖާގަ ހަދާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ވެލާނާ އެއާޕޯޓުގައި މަތިންދާބޯޓުތައް ޕާކް ކުރެވޭނެ ޖާގަ ހެދުމުގެ މަސައްކަތުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ވެސް އިތުރު ކުރެވިފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގަ އެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ފިނި މޫސުމުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާތީ އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ޕްރައިވެޓު ޖެޓުތައް ވެލާނާ އެއާޕޯޓުގައި. --ފޮޓޯ: އެމްއޭސީއެލް

އާ އަހަރު ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ޗުއްޓީ ހޭދަކޮށްލަން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ.

ބޭރުގެ މަހުޖަނުން ދަތުރުކުރާ ގިނަ އަދަދެއްގެ ޖެޓްތައް މިހާރު ވެސް ރާއްޖެއަށް ވަނީ އައިސްފަ އެވެ.

މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.