ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓްގައި އަލަށް ތަރައްގީ ކުރާ ރަންވޭގެ އެއްބައި ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ރީޖަނަލް އެއާޕޯޓް (އާރްސީއެލް) އިން ބުނެފި އެވެ.

އާރްސީއެލްއިން ބުނީ ހަނިމާދޫ އެއާޕޯޓުގައި އަލަށް ތަރައްޤީކުރާ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިމުމާ ގާތަށް ވަނީ ގޮސްފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، ރަންވޭ ބޭނުންކުރަން ހުޅުވާލެވޭނެ ކަމަށް އާރްސީއެލް އިން ބުނެ އެވެ.

އަދި 1،200 މީޓަރުގެ ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިން ފެސިލިޓީސް ވެސް ޤާއިމްކުރެވޭނެ ކަމަށާއި މީގެ ސަބަބުން، ރޭގަނޑުގެ ދަތުރުތަކަށް ޙިދުމަތްދެވޭނެ ކަމަށްވެސް ބުނެ އެވެ.

އާރްސީއެލް އިން މައުލޫމާތުދިން ގޮތުގައި މުޅި ރަންވޭގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިމި 24 ގަޑިއިރު ބޭނުންކުރުމަށް ހުޅުވާލެވޭނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ސެގްމަންޓަކަށް ބަހާލައިގެން، ރަންވޭ އެއްކޮށް ބަންދުނުކޮށް ވާނެ ގޮތެއްގެ މަތިންނެވެ. މީގެ ސަބަބަކީ ރައްޔިތުންނަށް ދެމުންދާ ޙިދުމަތްތައް ނުހުއްޓި ކުރިއަށް ދެވޭނެ މަގު ފަހިކުރުން ކަމަށް އާރްސީއެލް އިން ބުނެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު މި އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

މި އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާ އަކަށް ކަމަށްވާއިރު އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.