ގައުމީ އެއާލައިން، މޯލްޑިވިއަނުން ޓްރިވެންޑްރަމްގައި "ސައިލެންޓް އެއާޕޯޓު" ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ ޓްރިވެންޑްރަމް އެއާޕޯޓުގައި އަންނަ ހޯމަ ދުވަހުން ފެށިގެން މާޗްގެ ނިޔަލަށް "ސައިލެންޓް އެއާޕޯޓް" ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ބައެއް އެނައުންސްމަންޓް (މިސާލަކަށް ބޯޑިން އެނައުންސްމަންޓްތައް ފަދަ) މުޅިން ހުއްޓާލައި ދަތުރުވެރިންނަށް އަމާން، ހަމަހިމޭން މާހައުލެއް ގާއިމު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕަބްލިކް އެޑްރެސް (ޕީއޭ) ސިސްޓަމްތަކުގެ ތެރެއިން ކުއްލި ހާލަތާ ގުޅުން ހުރި ކޮންމެހެން ބޭނުންވާ މައުލޫމާތު ބްރޯޑްކާސްޓް ކުރަމުންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ފަސިންޖަރުންނަށް މުހިންމު އަދި ބޯޑިން އާ ގުޅުން ހުރި މައުލޫމާތެއް އެއާޕޯޓުގެ އެތެރެ އާއި ބޭރުގައިވާ ހާއްސަ ތަންތަނުގައި ބަހައްޓާފައިވާ ސްކްރީންތަކުގެ އެހީގައި ލިބޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

އަދި ފަސެންޖަރުންނަށް ބޭނުންވާ މުހިންމު އަދާހަމަތައް ފަސެންޖަރުންގެ މޮބައިލް ފޯނަށް ފޮނުވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.