ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސް ގެޒެޓުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން، ސަރުކާރުން އިއުލާނުނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. އަދި އެ ގަވައިދު ބުނާގޮތުން ޑައިރެކްޓު އުސޫލުން އަދި ޕްރައިވެޓް ސެކްޓާ އިނިޝިއޭޓިވްގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އެ މަސައްކަތެއް އެގޮތަށް އެވޯޑު ކުރަން ނިންމި ސަބަބު ފިނޭންސް މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ނިންމިދާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުން ސަރުކާރުގެ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކާ ގުޅޭ ޕްރޮޕޯސަލްއަކަށްވާ ނަމަ އެފަދަ މަޝްރޫއަކަށް ޕްރޮޕޯޝަލް ހުށަހެޅޭނެ އެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމެންޓު ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އީޖާދީ އަދި ފުދުންތެރި ގޮތުގައި ހާސިލްކުރުމަށް މަގުފަހިވާ ނަމަވެސް އެ މަޝްރޫއަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

މިފަދަ ޕްރޮޕޯސަލްތައް ހުށަނޭޅޭނެ ހާލަތްތަކުގެ ތެރޭގައި އެ މަޝްރޫއުއަކީ ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއެއް ނަމަ، އެފަދަ ޕްރޮޕޯސަލްއެއް ހުށައެއް ނޭޅޭނެ އެވެ. އަދި އެ ހުށަހަޅާ މަޝްރޫއުއަކީ ސަރުކާރުން، އެފަދަ މަޝްރޫއުއެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ މަޝްރޫއުއަކަށް ވެސް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ.

އެފަދަ ގޮތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށް ތިން މަރުހަލާއެއް ކުރިއަށްގެންދާނެ ކަމަށާއި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދަން ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހުކޮށްފައިވާއިރު ބިޑުގެ ދައުވަތަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމަށް ރައީސް ސޯލިހުގެ ސަރުކާރުން އެކުލަވާލާފައިވާ އުސޫލު މި ސަރުކާރުން ވަނީ އުވާލައިފަ އެވެ.