ރާއްޖޭގެ އެންމެ ފުރަތަމަ އޮގްމެންޓެޑް ރިއަލިޓީ(އޭއާރް) ގޭމް، އާރްބީ ކުއެސްޓް މިދިޔަ ޑިސެމްބަރުމަހު އެނބުރި އައީ ޚާއްސަ ފީޗާތަކާއި ސަޅި އިނާމުތަކެއް ހިމެނޭ ޕްރޮމޯޝަނަކާއެކު އެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ދިރާގު މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވި އެވެ.

ވާދަވެރި ރައުންޑް ތަކަކަށްފަހު އާރްބީ ކުއެސްޓްގެ ލީޑާ ބޯޑްގެ އެންމެ ކުރީގައިވާ ތިން ބައިވެރިން ވަނީ އިއްޔެ އިއުލާންކޮށްފައި އެވެ. އެގޮތުން 21،971 ޕޮއިންޓާއެކު އެއްވަނަ އަށް ހޮވިފައިވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އެއްވަނަ އަށް ދީފައިވާ އިނާމަކީ އައިފޯން 12 ޕްރޯ މެކްސް (128 ޖީބީ) އެވެ. ދެވަނަ އަށް ހޮވިފައިވަނީ 21،528 ޕޮއިންޓާއެކު "ލަކުޑިބޯ" ގެ ނަމުން ގޭމްގައި މަޝްހޫރު ކަން ހޯދާފައިވާ މުހައްމަދު ޖުމާން ރަޝީދެވެ. ދެ ވަނަ އަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ. އަދި ތިންވަނަ އަށް ހޮވުނު ފަރާތަކީ 17،259 ޕޮއިންޓާއެކު "ކަރަންފޫ" ނުވަތަ މުހައްމަދު ޝާކިރު އަލީ އެވެ. ތިންވަނަ އަށް ދީފައިވާ އިނާމަކީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެކެވެ.

އާރްބީ ކުއެސްޓްގެ ލީޑާ ބޯޑްގެ ތިން ހޯދި މުހައްމަދު ޝާކިރު އަލީއަށް ލިބުނު ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނާއެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ދިރާގު

ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި އެވެ.

ދިރާގުން ބުނިގޮތުގައި ވާދަވެރި މުބާރާތް ނިމުނު ކަމުގައި ވިޔަސް، އާރްބީ ކުއެސްޓް ގޭމް މިހާރުވެސް ޑައުންލޯޑް ކޮށް، މަމެން ކަސްޓަމަރުންނަށް މި ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައި، މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ ހައެއްގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާރްބީ ކުއެސްޓްގެ ލީޑާ ބޯޑްގެ ދެވަނަ އަށް ހޮވިފައިވާ މުހައްމަދު ޖުމާން ރަޝީދު ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނާއެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ދިރާގު

އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސް ގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. މި ގޭމް މި ދެ ވައްތަރުގެ ޑިވައިސްތަކަށް ވެސް ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

އެ ކުންފުނިން ބުނީ ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ދިވެހި ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް އިތުރު ޕާކްސް އަދި ގިނަ އިނާމުތައް ލިބޭ ކަހަލަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ކަމަށެވެ.