ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއަތުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކުމުން މިއަދުގެ ނިޔަލަށް ކޮށްފައިވާ ހުރިހާ ޖޫރިމަނާތަކެއް މައާފުކޮށްފި އެވެ.

އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ހަފުތާ ސާދައިގެ މަގު ޗާޓުގެ ދަށުން މިއަދާ ހަމަޔަށް އަރާފައި ހުރި ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މައާފު ކުރަން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޫރިމަނާ މާފުކުރުމަށް ފަހު ފްލެޓުތަކަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.

އާބަންކޯއިން ފްލެޓުތަކުގެ އެއްބަސްވުންތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާއިރު އެ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެއާއެކު ކުލި ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓު ކަމުގައި ކަނޑައެޅިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ކުރިން ނަގަނީ އަހަރަކަށް 18 ޕަސެންޓެވެ. އާބަންކޯ އިން ބުނީ މި ބަދަލާއެކު ދެން ޖޫރިމަނާގެ ގޮތުގައި ނަގާ އެއް ޕަސެންޓުގެ ފައިސާ ހަދިޔާ ކުރާނީ އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑަށެވެ.

އިސްލާމީ އުސޫލްތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށާއި، ދައްކަންޖެހި ނުދއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ ފަރާތްތަކުން ޖެނުއަރީ 10 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ހުށައެޅުމަށް އާބަންކޯއިން ވަނީ އެދިފަ އެވެ.