ރާއްޖޭގައި ހިންގާ އިއާދަކުރަނިވި ހަކަތަ މަޝްރޫއު ހިންގުން އަވަސްކުރުމުގެ ގޮތުން، 107.4 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ހިންގަން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

"އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނެބަލް އެނާޖީ" (އެރައިސް)ގެ ނަމުގައި ކުރިއަށް ގެންދާ މިޕްރޮޖެކްޓަކީ ވޯލްޑް ބޭންކުން ފަންޑްކޮށްގެން ރާއްޖޭގައި އިއާދަކުރެވެނި ހަކަތަ ބޭނުންކުރުމަށް ޕްރައިވެޓް އިންވެސްޓްމެންޓް ހޯދުމަށް އެހީތެރިވުމަށް ހިންގާ "އެކްސެލެރޭޓިން ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމެންޓްސް އިން ރިނިއުބަލް އެނާޖީ" (އެސްޕަޔާ) އާއެއްކޮށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި ދެ ޕްރޮޖެކްޓް ވެސް އެކުލަވާލެވިފައި ވަނީ ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް އެކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަކީ ހަކަތަ އުފެއްދުމަށް ރާއްޖޭގައި މިހާރު ބޭނުންކުރާ ތެލުގެ މިންވަރު މަދުކޮށް ކާބަން ފުޓް ޕްރިންޓް މަދުކުރެވޭނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

"ވޯލްބޭންކުން ދަނީ ކޮވިޑް19ގެ ސަބަބުން އިގްތިސަދަށް ދިމާވެފައިވާ މައްސަލަތަކުން ވީހާވެސް އަވަހަށް އަރައިގަނެވޭނެ ގޮތްތަކަށް ރިއާޔަތްކޮށް އެމީހުންގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް މަސައްކަތްކުރަމުން. 'އެރައިސް' ޕްރޮޖެކްޓަކީ ވެސް ކޮވިޑް 19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވާން ވޯލްޑް ބޭންކް ގްރޫޕްގެ ކަނޑައަޅާފައިވާ އެއް ސްޓްރެޓެޖީ،" ވޯލްޑް ބޭންކުން ރާއްޖެއާއި، ޝްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދް ޒާވޯސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރާނެ އަމިއްލަ ޑިވެލޮޕަރުން ހޯދުމަށް އެސްޕަޔާ އިން މަސައްކަތްކުރާއިރު، އެރައިސް ޕްރޮޖެކްޓުން މަސައްކަތްކުރާނީ ރިސްކް މިޓިގޭޝަން މެކޭނިޒަމްތައް ސޯލާ ޓެކްނޮލޮޖީއާއި، ސްޓޯރޭޖް ސޮލިއުޝަން އަދި ގްރިޑް އަޕްގްރޭޑްތަކާ ގުޅުވާލުމަށް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަވިން ހަކަތަ އުފައްދަން ފަށައި އަދި އަވިން ކަރަންޓު އުފެއްދޭ ކެޕޭ ސިޓީ އިތުރުކުރުމަށް މަސައްކަތްކުރަން ވަނީ ހަމަޖެހިފަ އެވެ. އެސްޕަޔާ އަދި އެރައިސް ޕްރޮޖެކްޓުގެދަށުން 42.5 މެގަވޮޓް ޖެނަރޭޓްކުރުމަށް އެހީވެވޭނެ ކަމަށާއި އަދި މިއަދަދަކީ 2020 ވަނަ އަހަރުގެ 51 މެގްވޮޓްގެ ޓާގެޓަށް ހާސިލްކުރެވުމާއި ކައިރި އަދަދެއް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ "މަލްޓިލެޓެރަލް އިންވެސްޓްމެންޓް ގެރެންޓީ އެޖެންސީ" (މިގަ) އާއި "އިންޓަނޭޝަނަލް ފިނޭންސް ކޯޕަރޭޝަން" (އައިއެފްސީ)ގެ ފަރާތުން ރިސްކް މިޖިޓޭޝަން ޕެކޭޖެއް އޮފާކުރުމަށްވަނީ ހަމަޖެހިފަ އެވެ. މިޕެކޭޖްގެ ދަށުން ހެޔޮ އަގެއްގައި މުދާ ގަނެވޭގެ ނިޒާމަކާއި ރައްކާތެރި ފައިސާ ދެއްކޭނެ ނިޒާމަކާއި، އިންވެސްޓްމެންޓް ގެރެންޓީ ހަމަ ޖެހޭނެ އެވެ. އަދި މީގެ އިތުރުން، އިޔާދަކުރަނިވި ހަކަތަ އިތުރަށް އުފެއްދޭނެހެން މިހާރު ހުރި ކަރަންޓު ގްރިޑްތައް އިތުރަށް އަޕްގްރޭޑްކުރުމާއި، އައްޑޫ ސިޓީގައި ބެޓްރީ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވޯލްޑް ބޭންކުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ކުންފުނިތަކާއި މުއައްސަސާތަކުން މަސައްކަތަށް ބޭނުންވާ މުއައްޒަފުން ތަމްރީނުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަޔާއި ހައިޑްރޮޖެން އަދި، އީވީ ޗާޖިންއާއި، ވެހިކަލް ޓު ގްރިޑް ޓެކްނޮލޮޖީ ފަދަ އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ އިތުރު ގޮތްތަށް ހޯދުމަށް މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ މިޕްރޮޖްކްޓްގެ ޓެކްނޮލޮޖިކަލް އެސިސްޓެންސް ޕެކޭޖްގެ ދަށުން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި ދާއިރާއިން އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ވޯކްޝޮޕް ހިންގުމާއި އަތޮޅުތެރޭގައި އަންހެނުންނަށް ހާއްސަ ކޯސް ހިންގުން ހިމެނޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.