ނެޝަނަލް ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ފަދަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އިން 14 ޖަނަވަރީ 2024ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ. މިއީ މި އިވެންޓްގެ ތިންވަނަ އެޑިޝަނެވެ.

އިމާރަތްކުރުމުގެ ސިނާއަތުގެ 70 އަށް ވުރެ ގިނަ އެގްޒިބިޓަރުން އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެކްސްޕޯގައި ދައްކާލުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އިމާރާތްކުރުމާއި ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީ ހިމެނެ އެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް ރާއްޖޭގެ އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން މި ސިނާއަތުގެ މުހިންމު ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.