ފަންސަވީސް މިލިިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އާ އިންޓަނޭޝަނަލް ޓާމިނަލެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކުރަން ނިންމައި، އެތަން ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މިއީ މިހާތަނަށް ވީއައިއޭ ތަރައްގީކުރުމަށް ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރަން ފެށި ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މަސައްކަތް ނިމި އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރަން ފެށުމުން 25 ޕަސެންޓް ވަޒީފާ އިތުރަށް އުފެދޭނެ ކަމަށާއި އެއީ ގާތްގަނޑަކަށް 1000 ވަޒީފާގެ ފުރުސަތު ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ޑޮމެސްޓިކް ޓާމިނަލުން ހިދުމަތްދޭ ފަސިންޖަރުންގެ އަދަދު 2،000 އަށް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ފިއުލް ފާމް ވެސް 45 ލީޓަރުން 100 ލީޓަރާ ހަމައަށް އިތުރުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.