އެފްޑަބްލިޔު ކޮންސްޓްރަކްޝަން ކޮމްޕެނީން ހުޅުމާލޭގައި ތަރައްގީކުރި އެފްޑަބްލިޔު ރެޒިޑެންސް ހުޅުމާލެ، ގެ މަސައްކަތް ނިމި، މިމަހުގެ 20 ގައި އެޕާޓްމަންޓްތަކުގެ ވެރިންނަށް ތަން ޙަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މާލޭގެ އަމީނީމަގުގައި ރެހެންދި ފްލެޓްތައް ތަރައްގީކުރި ކުންފުނިން، ރެހެންދި ފްލެޓްތަކަށް ވުރެ ވެސް ފެންވަރު ރަނގަޅުކޮށް ހެދި 14 ބުރީގެ އެ އިމާރާތަކީ ރާއްޖޭގައި ދިރިއުޅުމަށް ހަދާފައިވާ އެފަދަ ލަގްޒަރީ ޢިމާރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ، އެންމެ ފުރިހަމަ ތަންތަނުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. މިތަނުގައި ހަތަރު ޕެންޓްހައުސްއާއެކު 94 ފްލެޓް ހުރެ އެވެ.

އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަ ކޮށްގެން ފެންވަރު ރަގަޅު ޖިމަކާއި، ސްވިމިން ޕޫލާއި، ކިޑްސް ކްލަބަކާއެކު ރެކްރިއޭޝަން އޭރިއާއެއްގެ އިތުރަށް ބޭސްމަންޓްގައި ޕާކިން އޭރިއާއެއް ވެސް ހަދާފައިވެ އެވެ. މީގެ އިތުރަށް 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރަށް ކޮންމެ އެޕާޓްމަންޓަކަށް ވަކިން އެކްސަސް ކޮންޓްރޯލް ދީފައި ވެ އެވެ.

ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހެދި މަތީ ފެންވަރުގެ ކޮންޑޮމީނިއަމް. މިތަނުގެ އެޕާޓްމަންޓްތައް މިމަހު 20ގައި ހަވާލުކުރާނެ.

އެފްޑަބްލިއުއިން ބުނީ އެ އިމާރާތުގައި ދިރި އުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ބެކަޕް ޖަނަރޭޓަރު ސިސްޓަމެއް ވެސް ބަހައްޓާފައިވާ ކަމަށެވެ. އަދި ކަރަންޓް ކަނޑައިގެން ދިއުން ފަދަ ކަންކަމުން އެތަނުގައި ދިރިއުޅޭ ފަރާތް ތަކަށް އެއްވެސް ދަތި ކަމެއް ކުރިމަތި ނުވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެފްޑަބްލިއުއިން ބުނެފައި ވަނީ އެ އިމާރާތުގައި ފެނުގެ ރިޒާވެއް ބެހެއްޓުމަށް ރިޒާވް ޓޭންކެއް ތައްޔާރުކޮށް އެ ކަމަށް މަސައްކަތްތަކެއް ކުރި ނަމަވެސް ކަމާބެހޭ ފަރާތްތަކުން ލިބެން ޖެހޭ ހުއްދަތައް ލިބުމުގައި ލަސްވަމުންދާތީ އެކަން ކުރުން ހުއްޓާލަން ޖެހުނު ކަމަށެވެ. އަދި ގޭހުގެ ރިޒާވަކާއެކު ކޮންމެ އެޕާޓްމަންޓަކަށް ވަކިން ގޭސް ހޮޅި އެޅުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރި ނަމަވެސް މި އިމާރާތުގައި އެކަން ވެސް ނުކުރެވުނީ އެކަމަށް ބޭނުންވާ ހުއްދަތަށް ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އިމާރާތް ނިންމުން ލަސްވެ އެކަމުގެ ސަބަބުން އެކުންފުނީގެ ކަސްޓަމަރުންނަށް ދަތިވެދާނެތީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހެދި މަތީ ފެންވަރުގެ ކޮންޑޮމީނިއަމް. މިތަނުގެ އެޕާޓްމަންޓްތައް މިމަހު 20ގައި ހަވާލުކުރާނެ.

އެފްޑަބްލިއުއިން ބުނީ އެ އިމާރާތުގެ ލޮބީ އެރިއާގައި ކޮޕީ ޝޮޕަކާއި މިނީ މާޓެއް ވެސް ހުންނާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން ދާއިރާއިން "ރެހެންދި ފްލެޓްސް"ގެ ބްރޭންޑް ނޭމް ވުޖޫދަށް ގެނައި އެފް ޑަބްލިޔު ކޮންސްޓްރަކްޝަނަކީ ރިއަލް އެސްޓޭޓް ދާއިރާގައި އިތުބާރު ބޮޑު ކުންފުންޏެކެވެ. އަދި އެކުންފުނިން ހަދާ ކޮންމެ ފްލެޓަކީ "ރެހެންދި" ފްލެޓަކަށްވާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އެ ކުންފުނިން ދެ އެވެ.