ގދ. ތިނަދޫ ރީޖަނަލް ޕޯޓް ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، 15 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން، ލެވެލް ކުރުމާއި ސާވޭ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 4،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 3،000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ރީއިންފޯސް ކޮންކްރީޓް އެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ތިނަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރަނީ. އެތަނުގެ ފުރަތަމަ ފިޔަވަހީގެ 30 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނޭ. ފޮޓޯ: އެމްޓީސީސީ

އެ ޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ތިނަދޫ ރީޖަނަލް ޕޯޓުވެސް އޮޕަރޭޓު ކުރާނީ އެމްޕީއެލް އިން ހިންގާ ހދ ކުޅުދުއްފުށި ޕޯޓާއި ސ ހިތަދޫ ޕޯޓާއި އެއްގޮތަށް ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ އެ ކުންފުންޏާ ހަވާލު ކުރާ ހުރިހާ މަސައްކަތެއް ވެސް ތާރީހަށް ނިންމާނެ ކަމަށެވެ. އެހެންކަމުން ޕޯޓުގެ މަސައްކަތް ވެސް 45 ދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރަނީ. އެތަނުގެ ފުރަތަމަ ފިޔަވަހީގެ 30 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނޭ. ފޮޓޯ: އެމްޓީސީސީ

ތިނަދޫ ބަނދަރު ގާއިމްކުރުމަށް އެރަށުން 108،000 އަކަފޫޓުގެ ބިމެއް އެރަށުން ވަނީ އެމްޕީއެލް އަށް ދީފަ އެވެ.