ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ބޮއިން 8-787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޯއިން 8-787 ގެ ބޯޓެއް ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން، އީމެއިލް މެދުވެރިކޮށް އެކަން އެންގުމަށެވެ. މިއީ ބޯއިންގެ ބޯޓެއް މޯލްޑިއަން އިން ހޯދާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ހަ އަހަރުގެ މުއްދަތަށް 270 ސީޓުގެ ޖާގަ ހުންނަ ފްލައިޓެއް ކަމަށެވެ.

އެ ބޯޓަކީ އިކޮނޮމީ އަދި ބިޒްނަސް ކްލާސް ހިމެނޭ ބޯޓަކަށް ވާންޖެހޭނެ ކަމަށާއި ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15 އާއި 20 ދެމެދުގެ ޖާގަ ހުންނަންވާނެ އެވެ.

މޯލްޑިވިއަން އިން މިދިޔަ ހަފުތާގައި ވަނީ އޭ 330-200 ގެ އެއާބަސް ބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ.

ވައިޑް ބޮޑީ ދެ އެއާކްރާފްޓް ގެންނަން ބޭނުންވާ ފައިސާ އައިއޭއެސް އަށް ހަމަޖައްސައިދިނުމަށް މިދިޔަ މަހު ކެބިނެޓުން އޮތީ ނިންމައިފަ އެވެ.