އާބަން އައިލްގެ ކޮމާޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއެކު އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ.

ކޮމާޝަލް ސްޕައިންއަކީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ އާބަން އައިލްގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެވެ. އެގޮތުން މިއޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް މި ސްޕައިން މެދުވެރިކޮށް ލިބޭނެ އެވެ.

ކޮމާޝަލް ސްޕައިންގެ މި މަޝްރޫއަށް ޖުމްލަކޮށް 50 މިލިއަން ޑޮލަރު ހޭދަވެގެންދާނެ އެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ހެދޭ ހަތް އިމަރާތް ވާނީ ގުޅިފަ އެވެ. އެއީ ކޮމާރޝަލް ހަ އިމާރާތަކާއި އެއް ސަޕޯޓިން ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތެވެ. މި ތަންތަނުން ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓަރޓެއިންމެންޓްގެ ހިދުމަތްތަކުގެ އިތުރުން، ބޭންކިން ފަދަ އިތުރު ތަފާތު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ އެވެ. މި އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ މި އިމާރާތްތައް ގުޅާލެވިފައިވާތީ އެވެ.

މި ސްޕައިން ހެދިގެންދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3-4 ފްލޯއަށެވެ. އަދި މި ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށެވެ. މި ސްޕައިން ތަރައްގީކުރެވުމުގެ ސަބަބުން ތަފާތު ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ. މިއާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މި ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒްމަ ފުޅާވެގެންދާނެ އެވެ. އަދި މި ސަރަހައްދުގެ އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އިމާރާތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ދެވިގެންދާނެ އެވެ.