މަސްވެރިން ޝަކުވާކުރަން ފެށުމުން، ސަރުކާރުން މަސްވެރިންނަށް ދަރާފައިވާ ފައިސާގެ ތެރެއިން 100 މިލިއަން މާދަމާ ދޫކުރަން ފަށާ ގޮތަށް ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން މިއަދު ބުނީ މަސް އޮޑިފަހަރަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް 200 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޫކުރެއްވުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް 190 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މަސްވެރިން ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބޭތާ މަސްތަކެއް ވެއްޖެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ ސަބަބުން ބައެއް އޮޑިފަހަރަށް ނުފުރި، މަސްވެރިކަން ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް އެ މަސްވެރިން ބުނެފައިވެ އެވެ.