ކުރިއަށް އޮތް ރޯދަ މަހުގެ ފަހު ދިހައެއްގައި ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނީ ދެ ދުވަހު ކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން މިއަދު ބުނީ ފަހު ދިހައެއްގައި ހިދުމަތް ދޭނީ އެޕްރީލް 1، އަދި އޭޕްރީލް 8، ގައި ކަމަށެވެ. އެއީ ރޯދަ މަހުގެ 22 އަދި 29 ވާ ހޯމަ ދުވަހެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދު ކުރަން މި ސަރުކާރުން ވަނީ ނިންމަފައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ މާޗު 11، ގަ އެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. ފަހު ދިހައެއް ފެށޭނީ މާޗު 31، ގަ އެވެ. އެހެންވެ، އެ ދިހަ ދުވަހާއި އީދު ބަންދުގެ ހަތަރު ދުވަހާއެކު ޖުމުލަ 14 ދުވަސް ބަންދުގެ ގޮތުގައި ވިދިވިދިގެން ލިބެ އެވެ. އަދި ހަފުތާ ބަންދުތަކާއެކު އަންނަ ރޯދަ މަހު ޖުމުލަ 21 ދުވަސް ބަންދުގެ ގޮތުގައި ގުނެ އެވެ.