މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ 140 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރު މަދުވެ، ބޭންކުތަކުން ވިޔަފާރިވެރިން މުދާ ގަންނަން ޑޮލަރު ވިއްކުން ވަނީ ހުއްޓާލައިފަ އެވެ. އަދި އެއާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ ވަނީ އިންތިހާއަށް އުފުލިފަ އެވެ. ކަޅު ބާޒާރުގައި އާއްމުކޮށް ޑޮލަރު ރޭޓް މިހާރު އުޅެނީ 18.10ރ. އަށެވެ. މީގެ ކުރިން އަހަރު ކުރީކޮޅު ޑޮލަރުގެ އަގު ދަށްވި ނަމަވެސް މިފަހަރު ޑޮލަރުގެ އަގު 18ރ. އަށް ވުރެ ދަށެއް ނުވެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެށިއިރު ދައުލަތުގެ ރިޒާވްގައި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 254 މިލިއަން ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު ފެށިއިރު ރަސްމީ ރިޒާވްގެ ގޮތުގައި 790 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 588.1 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އިން ބުނިގޮތުގައި ދައުލަތުގެ ރިޒާވް ދަށްވާ މައިގަނޑު ސަބަބަކީ ތެލާއި ބޭހަށް ކުރާ ހަރަދު ކުރިއާ އަޅާބަލާއިރު މާބޮޑަށް ވެސް މައްޗަށް ދިއުމެވެ.

ޔޫޒަބަލް ރިޒާވްގައި ތާށި ކަމެއް އުޅޭތީ އެމްއެމްއޭ އިން އާންމުކޮށް ޑޮލަރު ވިއްކަނީ ރާއްޖޭގައި ހިންގާ ބޭންކްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތެލާއި ކާޑާއި ބޭސް ގަތުމަށެވެ.