މާސްޓަ ކާޑާއެކު އުރީދޫ އިން ގުޅި، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތަކާއި ހާއްސަ ކަންތައް ދޭން، ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މަގުބޫލު ޓެކްނޮލޮޖީ ކުންފުންޏާއެކު މިއެއްބަސްވުމުގައި ސޮއިކުރިކަން އުރީދޫން އިއުލާން ކުރީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި މާސްޓަ ކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖަރު، ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސްދިނުމަކީ އޫރީދޫ މޯލްޑިވްސް އިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މާސްޓަ ކާޑާއެކު މިވެވުނު އެއްބަސްވުމަކީ ވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުން އަދި މާސްޓަ ކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވިގެން ދާނެ،" ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.

މާސްޓަ ކާޑު، ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރުމާ ވިދާޅުވީ މާސްޓަ ކާޑު އަދި އުރީދޫ މޯލްޑިވްސް އާއެކު ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަ ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ހުޅުވާލެވޭނެ ކަމަށެވެ. އަދި މާސްޓަރކާޑު ބޭނުންކުރާ ފަތުރުވެރިންނަށް އުރީދޫ އާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާސްޓަ ކާޑު ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ކަންތައްތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތްކުރަމުން،" ވިކާސް ވަރުމާ ވިދާޅުވި އެވެ.

މާސްޓަ ކާޑާއި އުރީދޫ މޯލްޑިވްސް އާއެކު ވެވުނު މި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީ ވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން މާސްޓަ ކާޑު ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފާތަކާއެކު ރާއްޖޭގައި ހޭދަކުރެވޭ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވާކު، އުރީދޫ އާއެކު ފުރިހަމަވެގެންދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.