ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކ. ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން "އޭރިއާ އީ" ހިއްކަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ އެވެ. އަދި އޭރިއާ އީގެ ދަށުން ހިއްކަން ހަމަޖެހިފައި ވަނީ 5.9 ހެކްޓަރުގެ ސަރަޙައްދެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އެޗްޑީސީއާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިލަފުށި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ. މި މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ބުނޭ. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އޭރިއާ "ބީ"ގައި ހިމެނޭ 39.6 ހެކްޓަރު ހިއްކާ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އޭރިއާ "އޭ" ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީއިން ބުނެ އެވެ. އެގޮތުން އޭރިއާ "އޭ" ގައި ހިމެނޭ 71.5 ހެކްޓަރު އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެގޮތުން އެޗްޑީސީން އެކުލަވާލާފައިވާ ތިލަފުށީގެ މާސްޓަ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފަ އެވެ. ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ 60 ޕަސެންޓް ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށް ކަމަށް އެޗްޑީސީއިން ބުނެ އެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާ ގުޅޭ އިންފްރާސްޓްރަކްޗާ އެވެ.

ތިލަފުށީގެ ބިންހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުމެވެ.

ތިލަފުއްޓަކީ ޒަމާނީ ވަޞީލަތްތަކާއެކު އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހިންގާ މަޝްރޫއުގެ ބޭނުމަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގުހެޔޮވެ، ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަޙައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ ހަ ސަރަޙައްދަކަށް ބަހާލައިގެންނެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް އަލަށް ބިން ހިއްކާ ސަރަޙައްދުން ބޮޑު ބައެއް ޚާއްސަކުރާނެ އެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މިކްސްޑް- އޮފީސް އަދި ކުދި ވިޔަފާރިތަކަށް ވެސް ސަރަހައްދުތަކެއް ކަނޑައަޅާފައިވެ އެވެ.