ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހުޅުވައިދެއްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްގީކޮށްފައިވާ މި އާ ކާގޯ ޓާމިނަލަކީ ކުރީގެ ޓާމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އާ ކާގޯ ޓާމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެ އެވެ.

އާ ކާގޯ ޓާމިނަލުގައި ކުރީގެ ޓާމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު އާ ޓާމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އާ ކާގޯ ޓާމިނަލުގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއާލައިންތަކާއި ބްރޯކަރުންނަށް ޚާއްސަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް އަހަރަކު ޖުމްލަ 25،000 ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މެގަ ޕްރޮޖެކްޓް އިއުލާނު ކުރައްވައިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީގޮތުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އާ ޓާމިނަލް ހުޅުވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާމިނަލް ބައްލަވާލައްވައިފަ އެވެ.