އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބީއެމްއެލްގެ ކުރީގެ ސީނިއާ ކްރެޑިޓް އޮފަސަރެއްގެ ވަޒީފާގައި އުޅުނު ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފި އެވެ.

މީޒާ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އެސްޑީއެފްސީ އިން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ބީއެމްއެލްގައި މަސައްކަތް ކުރުމަށްފަހު އޭނާ އެންމެ ފަހުން އޭނާ އަދާކުރީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ކިޔާ އަމިއްލަ ކުންފުންޏެއްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ މަގާމެވެ.

އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ކޮލަމްބޯ ޑިގްރީ ހާސިލްކޮށްފައިވެ އެވެ. އަދި މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) އޭނާ ހާސިލްކުރީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުންނެވެ.

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ނަމަވެސް މިސަރުކާރުން އެ ކުންފުންޏަށް އަދި މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށްފައެއް ނުވެ އެވެ. އެ މަގާމަށް އައްޔަންކުރަން ފޮނުވި ފާތުމަތު ތައުފީގުގެ ޝަރުތު ހަމަނުވާ ކަމަށް އެމްއެމްއޭ އިން ނިންމުމުން އެ މަގާމަށް އައްޔަން ނުކުރެ އެވެ.