ކޮވިޑް -19އާ ގުޅިގެން ބީއެމްއެލް އިން އެއް ބިލިއަނަށް ވުރެގިނަ ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ކޮވިޑްގެ މުއްދަތުގައި ބޭންކުން ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަންފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިއަދު ހަވީރު ބައެއް މީޑިއާ ތަކާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއް ވާހަކަ ދައްކަވަމުން ސީއީއޯ ޓިމް ސޯޔާ ވިދާޅުވި ގޮތުގައި ޓުއަރިޒަމް ސިނާއަތަށް ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށް ބޭންކުން އިސްނަގައި ވަނީ ކުރުމުއްދަތުގެ ފެސިލިޓީއެއް ތައާރަފްކޮށްފަ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ފެސިލިޓީ މެދުވެރިކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ދެ މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދެ އެވެ.

އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޝޯޓް ޓާމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ކޮވިޑާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްދީފައިވެ އެވެ. މިއާއެކު ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

"މި ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިދާނެ ކަމަށް ނުބެލެވޭހިނދު ބޭންކުން ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހާ ގޮތްތައް ބަލަމުން އަންނަނީ. އަދި ކޮންމެ ފަދަ ހާލަތެއްގައި ވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް،" ސީއީއޯ ވިދާޅުވި އެވެ.