މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ދަރިކަނބަލުން ވުލާއު މުހައްމަދު ނާޒިމް އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޯޑަށް ވުލާއު އައްޔަން ކުރެއްވުމުން އެކަމަށް މަރުހަބާ ކިޔުމަށް ކާނަލް ނާޒިމް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.

އެޕޯސްޓްގައި ނާޒިމް ވިދާޅުވީ ވުލާއުއާ މެދު ފަހުރުވެރިވާ ކަމަށާއި ގޮންޖެހުންތަކާއި ކުރިމަތިލާ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިފަދަ މަގާމުތަކަށް ތައުލީމީ އަންހެނުން އައްޔަނު ކުރުމަށް ހިތްވަރު ދެއްވާ ނާޒިމް ވަނީ ރައީސަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ވުލާއު މިހާރު ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީން ރައީސް މުއިއްޒުއަށް ތާއީދުކުރީ ދެވަނަ ބުރުގަ އެވެ. އެމްއެންޕީން ފުރަތަމަ ބުރުގައި ވާދަކުރި ނަމަވެސް 1,900 އެއްހާ ވޯޓާއެކު ލިބުނީ ހަތް ވަނަ އެވެ. ނަމަވެސް އަލަށް އުފެއްދި ކެބިނެޓުގެ ދެ ސްލޮޓެއް ވެސް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ބައެއް މަގާމުތައް ވެސް އެޕާޓީއަށް ވަނީ ދީފަ އެވެ.