މިދިޔަ ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ހެދި "އާބަންކޯ" ބްރޭންޑް ނަން ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް ރީބްރޭންޑްކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އޭޕްރިލް 1ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގަ އެވެ.

މިއާއެކު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ލޯގޯ އާއި ނަން ވެސް އާބަންކޯ އަށް ބަދަލުކުރި އެވެ. އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލު ކުރިއިރު، މުވައްޒަފުންގެ ޔުނީފޯމަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި ކުންފުނީގެ މައި އޮފީހާއި އުޅަނދުތަކުގެ ޑިޒައިނަށް ވެސް ބަދަލު ގެނަ އެވެ. އެކަމަކު ކުންފުނީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އޭރުގައި ވެސް ބޭނުން ކުރި ކުލަ ކަމުގައިވާ ފެހި ކުލަ އެވެ.

ނަމަވެސް އެއް އަހަރު ނުވަނީސް އަނެއްކާ ވެސް އަނބުރާ އެޗްޑީސީގެ ނަމަށް ބަދަލުކުރި ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަޅުގަނޑުމެންގެ ކޯޕަރޭޓް އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށް ލޯގޯ އާއި ބްރޭންޑް ނަން ބަދަލުކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ގޮތުގައި އަޅުގަނޑުމެންގެ ކޯޕަރޭޓް އައިޑެންޓިޓީ އަލުން އިއާދަކުރިކަން އުފަލާއެކު އިއުލާނުކުރާ ކަމަށެވެ.