އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސާޓިފިކޭޝަން ސްޓެލްކޯއިން ހާސިލްކޮށްފި އެވެ.

އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ.

އައިއެސްއޯ ސްޓެންޑެޑަށް ސާޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

ސްޓެލްކޯ އިން ބުނީ އެ އެ ކުންފުނީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް ސާޓިފައިކޮށްދީފަ އެވެ.

"މިއާއެކު، މިކުންފުންޏަށް މިވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ހިދުމަތްތައް ސަރޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިގެންގޮސްފައި. މި ސިސްޓަމަށް ސްޓެލްކޯ ސާޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުން. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑްކަން ފާހަގަކޮށްލެވޭ،" ސްޓެލްކޯއިން ބުންޏެވެ.

އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސްޓެލްކޯ ސާޓިފައިވުމާ ގުޅިގެން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންއަންނަ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިފައިވުން ކަމަށެވެ. އަދި މި ފެންވަރަށް ކުންފުނި ގެނެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި، އެ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ އެންމެހާ ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މިއަށްވުރެވެސް ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންގެންދަވާނެ ކަމުގެ ޔަގީންކަންވެސް މުޣުނީ ވަނީ ދެއްވާފަ އެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އައިއެސްއޯ ސްޓެންޑެޑަށް ސާޓިފައި ކުރެވިފައިވާއިރު، އެ ކުންފުނިން ވަނީ ފާއިތުވެދިޔަ ދެއަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް ވެސް ހޯދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ ޑްރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ވެސް އެ ކުންފުންޏަށް ލިބިފައިވެ އެވެ. މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޣުނީއަށް ވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އެމާޖިން ލީޑާ އޮފް ދި އިޔާގެ އެވޯޑް ލިބިވަޑައިގެންފަ އެވެ.