މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި ސަރުކާރުގެ ހިންގުމުގެ ހަރަދަށް 524 މިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ.

ސަރުކާރަށް ލިބޭ އާމްދަނީ އާއި ބަޖެޓުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި އާމްދަނީގެ ގޮތުގައި 390.3 މިލިއަން ރުފިޔާ ލިބިފައިވާއިރު 524 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މީގެ އިތުރުން ލޯނުތައް ދެއްކުމަށް 312.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 836.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ ދެ ހަފްތާގައި ޓެކްސްއިން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިފައިވާއިރު ޓެކްސްގެ ގޮތުގައި 275.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީއަށް ލިބުނީ 114.8 މިލިއަން ރުފިޔާ އެވެ.

ހަރަދުގެ ބޮޑު ބައެއް ހިނގާފައި ވަނީ ދައުލަތް ހިންގުމުގެ ހަރަދަށެވެ. ހިންގުމުގެ ހަރަދުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ހިނގީ ދަރަނީގެ އިންޓްރެސްޓު ދެއްކުމަށާއި އޮފީސްތަކަށް ބޭނުންވާ ސާމާނާއި ހިދުމަތްތައް ހޯދުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.