މިދިޔަ އަހަރު ތެރޭގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ރެކޯޑު އަދަދަކަށް ޕްރައިވެޓު ޖެޓް ޖައްސާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެ އެއާޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވާއިރު މިއީ 2022 ވަނަ އަހަރަށް ވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މިދިޔަ އަހަރު 1،934 ޓޫރިސްޓުން ރާއްޖެއަށް ވަނީ އެތެރެވެފަ އެވެ. އަދި 2082 ޓޫރިސްޓުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފަ އެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައި ވަނީ ޔޫރަޕުގެ ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ ޓޫރިސްޓުންނެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި މާފަރު އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

2020 ވަނަ އަހަރުން ފެށިގެން މާފަރު އެއާޕޯޓަށް ޖެޓު ޖެއްސި މިންވަރު:

  • 2020 ވަނަ އަހަރު - 115 ޖެޓް
  • 2021 ވަނަ އަހަރު - 298 ޖެޓް
  • 2022 ވަނަ އަހަރު - 228 ޖެޓް
  • 2023 ވަނަ އަހަރު - 353 ޖެޓް

މިދިޔަ އަހަރު ތެރޭގައި ރެކޯޑު އަދަދަކަށް މާފަރު އެއާޕޯޓަށް ޖެޓް ޖައްސާފައިވާއިރު، އެ އެއާޕޯޓް މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އެތެރެވެފައި ވަނީ އޭޕްރީލް އަދި ޑިސެމްބަރު މަހު އެވެ.

މާފަރު އިންޓަނޭޝަލް އެއާޕޯޓަށް ޖައްސާ ޖެޓްތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ. އަތޮޅުގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނ. އަތޮޅުގައި 7 ރިސޯޓެއް ހިންގަ އެވެ. އަދި ރިސޯޓް ތަރައްގީކުރުމަށް މިހާރު ވެސް 13 ރަށެއް ދޫކޮށްފައިވެ އެވެ.

ނ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ ރިސޯޓުތަކަށް ޕްރައިވެޓު ޖެޓުތަކުގައި އަންނަ ޓޫރިސްޓުން ވެސް މާފަރު އެއާޕޯޓު ބޭނުންކުރެ އެވެ.

މާފަރު އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައް ވެސް ޖެއްސޭ ގޮތަށެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭގެ ދިގުމިން 2،800 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއާއެކު ބައިނަލްއަގުވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިން 777 މަރުކާގެ މަތިންދާބޯޓުތަކަށް ވެސް އެ ރަންވޭއަށް ޖެއްސޭނެ އެވެ.