މިދިޔަ ދެ ހަފްތާ ތެރޭ ސަރުކާރުން ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަކީ ކުރީ ސަރުކާރުން އެކުލަވައިލި ސެޓުލްމެންޓު ކޮމިޓީން ބަދަލު ދިނުމަށް ނިންމައި، ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމުގެ އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކަށް ދޫކުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ދޫކުރި 26 މިލިއަން ރުފިޔާއަކީ ކުރީ ސަރުކާރުގައި ހަދާފައިވާ ބަދަލު ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގެ ދަށުން ދޫކުރި ފައިސާ ކަމަށެވެ. އަދި އެ ފައިސާ ދޫކުރީ އޭރު ހަދާފައި ހުރި އެއްބަސްވުންތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައި ރިވީއުކުރުމަށްފަހު އެ ފައިސާ ދެއްކުން ލަސްކޮށްފިނަމަ އިތުރު ބުރައެއް ދައުލަތަށް އުފުލަންޖެހިދާނެކަމަށް ޤަބޫލުކުރެވޭތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ސެޓްލްމެންޓު ކޮމިޓީ ވަނީ އުވާލާފައި. އެއްވެސް ބަޔަކަށް ބަދަލުދިނުމަށް މި ސަރުކާރުން މިހާތަނަށް ނިންމާފައިނުވާނެ. އަދި މި ސަރުކާރުން ނިންމައިގެން ބަޔަކަށް ބަދަލުގެ ގޮތުގައި ފައިސާއެއް ދޫކޮށްފައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ ދޫކުރީ ކޮން ފަރާތްތަކަކަށްކަން ހާމަނުކުރެވެނީ އެއްބަސްވުމުގައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ފަރާތްތަކާއި އެ ފަރާތްތަކަށް ދައުލަތުން ދޫކުރި ފައިސާގެ އަދަދު ހާމަނުކުރުމަށް އޭރުގެ ސަރުކާރުން އެއްބަސްވެފައި އޮތުމުން ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ދޭން 101 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މިދިޔަ އަހަރު ދައުލަތުން ވަނީ ބަޖެޓުކުރި އަދަދުގެ ފަސް ގުނަ، ބަދަލު ދިނުމަށް ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު 101 މިލިއަން ރުފިޔާ ބަދަލު ދޭން ބަޖެޓު ކުރި އިރު އަހަރު ނިމުނު އިރު 557 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދެ ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭންޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކޮށްފައި ވުމުގެ ސަބަބުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ބަޖެޓުކުރާ އަދަދަށް ވުރެ އިތުރަށް ބަދަލު ދޭން ހަރަދު ކުރެ އެވެ.

ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް އޮތެވެ. ވެރިކަން ބަދަލުވުމަށް ފަހު މިދިޔަ ނޮވެމްބަރު 21، ގައި މި ސަރުކާރުން ވަނީ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ އުވާލައިފަ އެވެ.