ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

މިއީ މިއަހަރުގެ ތެރޭގައި ޓީ-ބިލް ވިއްކަން ހުޅުވާލި ދެވަނަ ފަހަރެެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލްތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 974 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 316 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 149 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 842 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހު ވަނީ ހަތަރު ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކާފަ އެވެ.

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީ-ބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.