ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސިމްޑީގެ ބިއޯންޑް ފްލައިޓެއްގައި ރާއްޖެއަށް އައުމަށް ދަތުރު ފަށައިފި އެވެ.

ރޮނަލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ހެނާންޑޭޒް އަކީ މީސް މީޑިއާ އިންފްލުއެންސަރެއް އަދި މޮޑެލްއެކެވެ.

ރޭގެ ވަގުތެއްގައި ޖޯޖނާ ވަނީ ބިއޯންޑްގެ ފްލައިޓް ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފަ އެވެ. އަދި ބިއޯންޑް އެއާލައިނަށް ހާއްސަ ޝުކުރެއްވެސް ޖޯޖިނާ ވަނީ އަދާކޮށްފަ އެވެ. އަދި ބިއޯންޑުން ވަނީ "އެންޖޯއީ މޯލްޑިވްސް" ޖަހައި އެ ޕޯސްޓު ހިއްސާކޮށްފަ އެވެ.

މި ދަތުރުގައި ޖޯޖީނާއާ އެކު ރޮނާލްޑޯ އާއި އާއިލާއިން ބައިވެރިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ބިއޯންޑަކީ ރާއްޖޭގެ ސިމްޑީ ކުންފުންޏާއި ދުބާއީގެ އެރޭބިސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިނެވެ.

މިދިޔަ ނޮވެމްބަރުން ފެށިގެން އެ އެއާލައިނުން އަންނަނީ ސައުދީ އަރަބިއްޔާގެ ރިޔާދު، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލެންޑްގެ ޒިއުރިކް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުނެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި އިޓަލީގެ މިލާން އާއި ޔޫއޭއީގެ ދުބާއީއަށް ވެސް ބިއޯންޑުން ދަތުރުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.