މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގައުމި އެއާލައިން މޯލްޑިވިއަނުން ހއ. ހޯރަފުށި އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ އަންނަ އޭޕްރީލްމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހޯރަފުށި އެއާޕޯޓަށް ހަފްތާއަކު ހަތަރު ދަތުރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަނުން މިހާރު ހޯރަފުއްޓަށް ބާއްވަމުންދަނީ ހަފްތާއަކު ތިން ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިދުމަތް ދެމުން އަންނަ އެއާޕޯޓް ކަމަށްވާ ހޯރަފުށީ އެއާޕޯޓްގެ ހިދުމަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ވަނީ މި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ބާއްވަން ވެސް ފަށައިފަ އެވެ.