ބީއެމްއެލް އިސްލާމިކްގެ އާ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި މިއަދު ހުޅުވައިފި އެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ބޭންކުން ބެހެއްޓި ފުރަތަމަ އޭޓީއެމް އެވެ.

ބީއެމްއެލް އިން ބުނީ ފޭސް 2ގައި ހުންނަ ވިނަރެސް ޓަވާ 8 ގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އެ ބޭންކުގެ ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"މިވަގުތު ވެސް ތިން އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރު ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. އަދި މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާނަން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ފޭސް 2ގައި ހުންނަ ވިނަރެސް ޓަވަރު 8 ގައި ގާއިމްކުރި ބީއެމްއެލް އިސްލާމިކްގެ އޭޓީއެމް ސެންޓަރު އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މިއަދު ހުޅުވައިދެއްވަނީ. ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.