ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް ފަށައިފި އެވެ.

ދިރާގުން ބުނީ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ސިލްސިލާ ފެށުމެއް ކަމަށެވެ.

މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 އަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ މިދިޔަ ހަފުތާގައި ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހުޅުވާލާފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުންވަނީ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. 27 ޖަނަވަރީއާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އީސްޕޯޓްސްއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގޭނެ ކުޅިވަރެއް. އެގޮތުން މި މުބާރާތަކީ ދިވެހި ގޭމަރުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ގޭމިންގ ކުރިއެރުވުމަށް މަގުފަހިކޮށްދީ، ތަފާތު އޮންލައިން ގޭމްތަކަށް އެކި ގޭމިންގ ކޮމިއުނިޓީތައް ބިނާކުރުމަށް ކުރެވޭ މުހިންމު ކަމެއް،" ދިރާގުގެ މެނޭޖަރު، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

މޮބައިލް ލެޖެންޑްސްއަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. އެގޮތުން ވޭދުވެދިޔަ އަހަރު ދިރާގުން ވަނީ 'މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 2023'ގެ ނަމުގައި 100،000 ރުފިޔާގެ ޕަރައިޒް ޕޫލަކާއެކު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އީސްޕޯޓްސް މުބާރަތް ބާއްވާފަ އެވެ.

ދިރާގުގެ މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުމަށެވެ.