ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓު ދޭން ފެށުމަށް ނިންމަވާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ކުންފުނީގެ ބޯޑާއި މެނޭޖްމަންޓް އަދި މުވައްޒަފުންނާއެކު ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބެޓަރިން ކަރަންޓުދޭން ހިންގާ މަޝްރޫއުގެ ދަށުން ކ. އަތޮޅާ، އއ. އަތޮޅާ، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި އެކަށޭނަ އަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށްޓަވާނެ ކަމަށެވެ. އަދި އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާނެކަން ވެސް ފަހުމީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ގްރޭޓާ މާލެ ސަރަޙައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުން ވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން ފަހުމީގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

ތިމާވެށްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.