އަހަރުގެ ފުރަތަމަ މަހު ސާވިސް ޗާޖުގެ ގޮތުގައި ރިޒް ކާލްޓަން މޯލްޑިވްސް ކޮންމެ މުވައްޒަފަކަށް މިމަހު ސާވިސް ޗާޖަށް 4،282.07 ޑޮލަރު ( ގާތްގަނޑަކަށް 66،000 ރުފިޔާ) ބަހައިފި އެވެ.

މިއީ މިފަހަރު އެންމެ މަތިން ސާވިސް ޗާޖު ބަހާ ރިސޯޓެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ބެހި އަދަދަށް ވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ރިސޯޓުން 4،508.74 ޑޮލަރު ބަހާފައިވެ އެވެ.

ރިޒް ކާލްޓަން ރިސޯޓަކީ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ އެންމެ އަގު ބޮޑު ބްރޭންޑްގެ ރިސޯޓެވެ.

"ހުރިހާ"އަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ މަތިން މިފަހަރު ސާވިސް ޗާޖު ބަހާފައި ވަނީ ނ. އަތޮޅުގައި ހިންގާ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 3،524.49 ޑޮލަރު ބަހާފައިވެ އެވެ. ތިންވަނަ އަށް އެންމެ މަތިން ބަހާފައި ވަނީ މާލެ ކައިރީގައި ހިންގާ ވޯލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން ބަހާފައި ވަނީ 2،896 ޑޮލަރެވެ.

އެހެން އަހަރުތަކާ އަޅާބަލާއިރު މިފަހަރުގެ ކްރިސްމަސް އަދި އާ އަހަރު ފެށުނު މަހު ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށްކަން ފާހަގަކުރެވެ އެވެ. އޭގެ ސަބަބެއް ކަމަށް ބައެއް ރިސޯޓުތަކުން ބުނަނީ ރާއްޖެ އަންނަ މުއްސަނދިންގެ އަދަދު މަދުވުމެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން %10އަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހެ އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާ އެކު ބަހަން ޖެހެ އެވެ.

ސާވިސް ޗާޖަށް ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި ސާވިސް ޗާޖް ބެހުމުގައި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.