ހަފުތާއެއްގެ ތެރޭގައި 21،000އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 21،489 ޓޫރިސްޓުން އައިސްފައިވެ އެވެ. މިމަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ ވެސް އިއްޔެ އެވެ. އެގޮތުން އިއްޔެ އެކަނި 4،373 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 34،058 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މިހާތަނަށް 207،932 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިއަހަރު ވަނީ އެ މިންވަރު 45.4 ޕަސެންޓް ދަށްވެފަ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން އެކަނި 25،548 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 22.5 ޕަސެންޓެވެ. ދެވަނާގައި އުޅެނީ އިންޑިއާ އެވެ. އެ ގައުމުން 24،171 ޓޫރިސްޓުން އައިއިރު އެއީ މާކެޓް ޝެއާގެ 21.3 ޕަސެންޓެވެ.