ސްޓެލްކޯ އިން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރަމުން އައި މަސައްކަތްތައް، ދުވަހު މުސާރަ ދޭ ގޮތަށް ދިވެހިންނާ ހަވާލުކުރަން ނިންމައި، މަސައްކަތަށް ނެގި ފުރަތަމަ ބެޗް މަސައްކަތަށް ނެރެފި އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުރަތަމަ ބެޗުގައި ހިމެނޭ ހަތް މީހަކު މަސައްކަތަށް ނެރެފައިވާ ކަމަށެވެ.

"ފުރަތަމަ ބެޗަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތް މީހަކު މިހާރު މަސައްކަތަށް ނެރުނީ. އިތުރު މީހުން ވެސް ވަރަށް އަވަހަށް ނެރޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ކަނޑައަޅާފައި ވަނީ މިގޮތަށް މަސައްކަތްކުރާ މީހުންނަށް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100ރ. އާއި 250ރ. އާ ދެމެދުގެ އުޖޫރައެއް ލިބޭނެ އެވެ. އަދި މަސައްކަތްކުރާ ކޮންމެ ދުވަހަކު ކޮއްތު ފައިސާގެ ގޮތުގައި 175ރ. ލިބޭނެ އެވެ.

"މިކުންފުނީގެ ކޮންޓެރެކްޓް މަސައްކަތް ކުރުމަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވާލައި ކުރި އިއުލާނާއި ގުޅިގެން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބެޗް މަސައްކަތުގައި. ބިދޭސީންގެ ބަދަލުގައި ދިވެހިން މިފަދަ މަސައްކަތްތަކަށް ޝައުގުވެރިވެ، ފަރުވާތެރިކަމާއި، ފުރިހަމަކަމާއެކު އެމަސައްކަތްތައް ކުރަމުންގެންދާތަން ފެނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ ދުވަހު މުސާރައަށް މަސައްކަތްކުރަން މީހުން ނަގާނީ ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރާ ކަރަންޓު ކޭބަލް ވަޅުލުމާއި އެ ނޫން ވެސް މަސައްކަތްތަކަށެވެ. އެހެންވެ ގިނަ ފުރުސަތުތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.