ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް ބޮޑުކުރުމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓް އިތުރުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ އެކު އަދިވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ދަރިވަރުންނަށް އިތުރަށް ޑޮލަރު ނެގޭ ބަދަލާ އެކު، ޑޮލަރު ބޭނުންވާނެ މިންވަރާއި ބަދަލުގެ ބޮޑު ކުޑަމިނާއި، އެ ލިމިޓް އިތުރުކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެންކަމުން މާދަމާ އެ ބަދަލު އަންނާނެކަން އަދި ޔާގީނެއް ނޫނެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މިހާރު ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންންނަށް މަހެއްގެ މައްޗަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓަކީ 750 ޑޮލަރެވެ. ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ކެބިނެޓުން ނިންމީ، މިހާރު އޮންނަ 750 އަށް ޑޮލަރު ލިމިޓްވެފައި އޮތުމަކީ ކިޔަވާ ކުދިންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަކަށްވާތީ އެވެ.

ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ނެގޭ ލިމިޓް ބޮޑުކުރަމުން ގޮސް، އެ ލިމިޓު އެއްކޮށް އުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.