ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ބޮޑުކޮށްދޭން ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެކަމުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑޮލަރު ލިމިޓް 1200 އަށް އިތުރު ކުރަން ނިންމައިފަ އެވެ. އެކަމަކު، މަސް ފެށުނު އިރު ވެސް އެކަމެއް ފުރިހަމަކޮށެއް ނުދެވުނެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ސިޔާސަތު ތަންފީޒު ކުރުމާ ގުޅޭގޮތުން އެމްއެމްއޭ އާއި ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް ސިޔާސަތު މިވަގުތު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރުސްތައް މިވަގުތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އެ ބަޔާނުގައި ބުންޏެވެ.

"އަދި ކާޑު ލިމިޓް އިތުރު ކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެ ކަން ޔަގީން ކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަަމަށްވެސް ދަންނަވަމެވެ"، ފިނޭން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރު ކުރުމަަށާއި، ބޭންކިންގ ނިޒާމަށް މާރު ކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށްޓަކައި އެ ވުޒާރާ އާއި އެމްއެމްއޭ އިން ބޭންކް ތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކާޑުން ނެގެނީ އެންމެ ގިނަވަގެން 750 ޑޮލަރެވެ.