އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް24 ގެ މޮޑެލްތައް ދިރާގުން ވިއްކަން ފަށައިފި އެވެ.

ދިރާގުން ރޭ ވިއްކަން ފަށާފައި ވަނީ ސެމްސަންގް ގެލެކްސީ އެސް 24، އެސް 24 ޕްލަސް އަދި އެސް 24 އަލްޓްރާ އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ޚާއްސަ ލޯންޗު އިވެންޓްގައި ސެމްސަންގްގެ މި ފޯނުތައް ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނު ހަވާލުކޮށްފަ އެވެ. ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައި ވަނީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް ވަނީ 2015ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ދިރާގާ ދެމެދު ގާއިމްކުރެވިފައިވާ ޕާޓްނާޝިޕަށް އަލިއަޅުއްވާލައްވާފަ އެވެ. މީގެ އިތުރުން ސެމްސަންގްގެ ކަސްޓަމަރުން ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަ ކުރައްވައި، އެންމެ ފަހުގެ ސެމްސަންގް ސްމާޓްފޯންތައް ރާއްޖެއަށް ގެނައުމަކީ ސެމްސަންގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ވިދާޅުވިގޮތުގައި ސެމްސަންގާއެކު ގާއިމުކުރެވިފައިވާ މި ދެމެހެއްޓެނިވި ޕާޓްނާޝިޕަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ސްމާޓް ޓެކްނޮލޮޖީ ފޯރުކޮށްދީ، ޑިޖިޓަލް މުސަތަގުބަލުގައި އެފަރާތްތަކަށް ކުރިއަށް އެރުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ދިރާގުން ބުނީ މި އާ ގެލެކްސީ އެސް 24 ސީރީޒްއާ އެކު ސެމްސަންގުން ވަނީ "ގެލެކްސީ އޭއައި" ތައާރަފުކޮށްފަ އެވެ. އެގޮތުން މިއާއެކު ކަސްޓަމަރުންނަށް ތަފާތު ޒަމާނީ ޑިޒައިންއެއްގެ ފޯނެއްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޅިން އާ ތަޖުރިބާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް24 ގެ މޮޑެލްތައް ދިރާގުން ވިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދިރާގު

ދިރާގުން ވަނީ މިދިޔަ ޖެނުއަރީ މަހު ތެރޭގައި ޚާއްސަ އޮފާއަކާ އެކު ސެމްސަންގް ގެލެކްސީ ފޯނުތަކުގެ ޕްރީ-އޯޑަރަށް ހުޅުވާލާފަ އެވެ. އެގޮތުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ކަސްޓަމަރުންނަށް 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ގެލެކްސީ އެސް 24 ޕްލަސް އަދި އެސް 24 އަލްޓްރާއާ އެކު ހިލޭ ގެލެކްސީ ވޮޗް 6 ކްލަސިކްއެއް އަދި އެސް 24 އާ އެކު ހިލޭ ގެލެކްސީ ވޮޗްއެއް ލިބޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށް ވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.