ރާއްޖެ އަށް މި އަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 3 ވަނަ ދުވަހު އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާ ގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ 23,972 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިހާރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަމަށްވާ ރަޝިއާއަށްވުރެ، 2,074 ފަތުރުވެރިން އިތުރު އަދަދެކެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށް ހަދައިދިނުމަށް ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ޗައިނާއަށް ކުރި ދަތުރުފުޅުގައި އެދިވަޑައިގަނެފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 214,470 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 189,332 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.3 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް

  • ޗައިނާ – 23,972
  • ރަޝިއާ – 21,898
  • އިޓަލީ – 21,321
  • އިނގިރޭސިވިލާތް – 18,078
  • އިންޑިއާ – 16,536

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,362 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް އަށް ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.

ރާއްޖޭގައި މިހާރު 1،142 ޓޫރިސްޓް ޕްރޮޕަޓީ ހިންގަމުންދެ އެވެ. އެއީ 175 ރިސޯޓާއި 812 ގެސްޓްހައުސް އާއި 140 ސަފާރީގެ އިތުރުން 15 ހޮޓަލެވެ. މި ތަންތަނުގައި ޓޫރިސްޓުން ބޭނުންކުރަން ހުރި އެނދުގެ އަދަދަކީ 61،518 އެވެ.

ސަރުކާރުން އަމާޒުހިފާފައި ވަނީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.